އިސްލާމީ ތަރުބިއްޔަތުގައި ޢަޤީދާގެ މުހިންމުކަން

    އިސްލާމީ ތަރުބިއްޔަތުގައި ގިނަ މާނަތަކެއް އެކުލެވިގެންވެއެވެ. އެގޮތުން އެއްޗެއް ބަލަހައްޓައި، ބޮޑުކުރުމަށްވެސް ތަރުބިއްޔަތު ބޭނުންކުރެއެވެ. އިސްލާމްދީނުގައި ތަރުބިއްޔަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވެއެވެ. އެއީ ފަރުދީ ގޮތުން، ޢާއިލީ ގޮތުން އަދި މުޖުތަމަޢުގެ ގޮތުން ކަމުގައި ވިޔަސްމެއެވެ. ތަރުބިއްޔަތު އެންމެ މުހިންމު އެއް ވަޞީލަތަކީ ނަމޫނާ ދެއްކުމެވެ. އެގޮތުން  މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ޞަޙާބީންނަކީ މި ދުނިޔެ މަތީގައި ނަބީބޭކަލުންނަށް ފަހު އެންމެ މަތިވެރި ތަރުބިއްޔަތެއް ލިބިވަޑައިގެން ތިއްބެވި ބޭކަލުންނަވެ. އެބޭކަލުންނަށް އެތަރުބިއްޔަތު ލިބިވަޑައިގަތީ މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުންނެވެ. އެކަލޭގެފާނު އެބޭކަލުންނަށް އެންމެ ފުރިހަމަ ތަރުބިއްޔަތުން ތަރުބިއްޔަތު ދެއްވިއެވެ. އިންސާނާގެ ހިތަށް ތަރުބިއްޔަތުގެ ހެޔޮ އަޘަރުކޮށްފިކަމުގައިވާނަމަ އޭނާގެ ޢަމަލުތައް ހެޔޮމަގަށް އެޅިގެންދެއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ އަފްރާދުންގެ ޢަމަލުތައް އިޞްލާޙުވެ، އެއާ އެކު ޢާއިލާތަކާއި މުޖުތަމަޢު ހެޔޮ މަގުން ހިނގަން ފެށުމެވެ. އިސްލާމީ އަޤީދާއަކީ އިސްލާމީ ތަރުބިއްޔަތުގެ ބިންގަލެވެ. އަދި އެންމެ މުހިންމު އެއް އަސާސެވެ. އެ އަސާސާ ނުލާ ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެއެވެ. މިގޮތުން އިސްލާމީ ތަރުބިއްޔަތެއް ދިނުމަށްޓަކައި ޢަޤީދާގެ އަސާސްތަކަށް ސަމާލުކަންދީގެން ތަރުބިއްޔަތުކުރުން ވަރަށް މުހިންމެވެ. ފަހެ، މިކަމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ކުއްޖާއަށް ތައުޙީދުގެ ބަސް ދަސްކޮށް ދިނުމާއި، ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނާއި ސަލަފުންގެ ބޭކަލުން ދެކެ ލޯބިވާނެ ގޮތް ބަޔާންކޮށްދިނުމާ އަދި އިސްލާމީ ޢަޤީދާގެ މަތީގައި ޘާބިތުވެ މާއްދިއްޔަތަށް ވިސްނުމަށް ވުރެ އާޚިރަތް ދުވަސް އިސްކުރުމުގެ ވިސްނުން އެކުދިންގެ ހިތުގައި އަށަގެންނެވުން ހިމެނެއެވެ.

    ރިފަރެންސް ލިސްޓް

    ޝައިޚް މުޙައްމަދު ޝާފިޢު ބްލޮގްސް. (26 އޮކްޓޯބަރ 2013). ތަރުބިއްޔަތުގެ އިޞްޠިލާޙީ މާނަ.

    އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ. (31 އޮކްޓޯބަރ 2019). އީމާންކަމަކީ އިތުރުވެ އަދި އުނިވެސްވާ އެއްޗެއް. ދިސަލަފިއްޔާ

    شارك
    މުޙައްމަދު އަލީ
    މުޙައްމަދު އަލީ
    المقالات: 5